ކ. މާލެ
|
29 މާރޗް 2024 | ހުކުރު 11:30
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
އަނިޔާވެރިކަން
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
 
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ވަރަށް ބޮޑަށް އަނިޔާވެރިވާނެ ކަމަށް ގިނަ ސިޔާސީ ބޭފުޅުން ވިދާޅުވޭ
 
މިއަދު ވެސް ސަރުކާރަށް ބޭނުންހާ ގޮތަކަށް ކަންކަން ކުރިއަށް ނުގެންދެވެނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން
 
މިއީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ސަރުކާރުން އިދިކޮޅަށް ބިރުދައްކައި، ފަހަތަށް ޖެއްސުމަށް ކުރާ ކަމެއް

ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ހަމަސް ފާއިތުނުވެއެވެ. މިހާރު ބައެއް ރައްޔިތުން ދައްކަމުންދަނީ މިސަރުކާރު ދޮގު ހަދަމުންދާ ވާހަކައާއި އަނިޔާވެރިވަމުންދާ ވާހަކަތަކެވެ. ގިނަ ކަންކަން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާ ކަމަށް ވެސް ތުހުމަތުކުރެއެވެ.

ސަބަބުތަކެއް ވެސް ނެތިއެއް ނޫނެއެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދޫކޮށްފައިވާ ފްލެޓުތަކާއި ގޯތިތައް ދޫނުކޮށް، ދިގު ދައްކަމަނީއެވެ. އެއް ކޮމިޓީން އަނެއް ކޮމިޓީއަށެވެ. މީގެ އިތުރުން މަޖިލިސް އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއީލް ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވައިފިއެވެ. މިއީ ސިޔާސީ ބޭފުޅުން ޖަލަށްލުމުގެ ސިލްސިލާގެ ކޮޅުމަތީ ފެށުނީ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ފައްޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވާފައިވަނީ އާރްޑީސީގެ ހިޔާނާތާއި ގުޅިގެންނެވެ. ނަމަވެސް ފައްޔާޒު ވިދާޅުވަނީ އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ. އަދި ތުހުމަތެއް ކުރެވޭނެފަދަ އެއްވެސް ކަމެއް ނުކުރައްވާކަމަށެވެ. 2022 ވަނަ އަހަރު ތަހުގީގު ކުރަން ފެށި މައްސަލައެއްގައި މަޖިލިސް އިންތިޚާބު ބޯމަތިވުމުން ސުވާލުކުރުމަށް ފުލުހަށް ހާޒިރުވުމަށް އެންގުމުން، އެކަމާއި ސުވާލު އުފެދޭނެ ކަމާ މެދު ޝައްކަތްނެތެވެ.

ސިޔާސީ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ސަރުކާރުން އިދިކޮޅަށް ބިރުދައްކައި، ފަހަތަށް ޖެއްސުމަށް ކުރާ ކަމެއް ކަމަށެވެ. ބިރުދެއްކުމަށް މަސައްކަތް ކުރަނީ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވި ކަމުގައިވީ ނަމަވެސް މިއަދު އެ ތާއީދު ސަރުކާރަށް ނެތް ކަމަށް ސަރުކާރުގެ ބޭފުޅުން އަމިއްލަފުޅަށް ގަބޫލުޕުކުރައްވާތީ ކަމަށް ވެދާނެއެވެ. އަދި މިއަދު ވެސް ސަރުކާރަށް ބޭނުންހާ ގޮތަކަށް ކަންކަން ކުރިއަށް ނުގެންދެވެނީ އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުން މަޖިލީހުގައި އޮތީމައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މިއީ އަނިޔާވެރިވުމުގެ ފެށުން ކަމަށް ވެސް ތުހުމަތުކުރެވެއެވެ. އެގޮތުން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ކުރިމަތިކުރުވި އަނިޔާވެރިކަން އައުކުރައްވަނީތޯ މިއީ މިއަދު އެތައް ބަޔަކު އަހަމުންދާ ސުވާލެކެވެ.

އެ ދުވަސްވަރު ގިނަ ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ މަތީ ލެވަލްގައި ތިބި ބޭފުޅުންނާއި ޕޮލިސް ކޮމިޝަނަރުންނާއި ފަނޑިޔާރުންނާއި ވަކީލުން އަދި ނޫސްވެރިން މުއްދަތެއް ނެތް ގޮތަށް ޖަލަށްލިއެވެ. އަދި ކުރީގެ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި ނައިބު ރައީސުން ޖަލަށްލިއެވެ. އަދި އެތައް އިދާރާތަކެއް އަޑު ކަނޑުވާލިއެވެ. މިނިވަން މުއައްސަސާތަކުގައި ތަޅުއެޅުވިއެވެ. ބޭރުގެ ގިނަ ގައުމުތަކާއި ގުޅުން ހީނަރުވެގެންދިޔައެވެ.

އަނިޔާވެރިކަން އިންތިހާއަށް ބޮޑުވުމާއި ގުޅިގެން 2018 ވަނަ އަހަރު ރައްޔިތުން ތިބީ އަނިޔާވެރިކަން ނިންމައި، ހެޔޮ ބަދަލަކަށް ނުހަނު ބޭނުންވެފައެވެ. 2018 ވަނަ އަހަރު އަމާންރާއްޖެއަކަށް ދެވުނީ ގިނަ ބައެއްގެ ދިރިއުޅުމުގައި އަނިޔާވެރިކަމާއި އެ ހިތި ރަހަލައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި އެ ހިތި ދުވަސްތައް ހަނދާންނެތާހާ ދުވަހެއް ނުވެއެވެ. އަނެއްކާވެސް 2023 ވަނަ އަހަރު ވެރިކަން ބަދަލުވެ، އޭރު އަނިޔާވެރިކަމަށް ތާއީދުކުރައްވާ، އެކަމަށް އިޖާބަދެއްވި ބޭފުޅުން މިއަދު ސަރުކާރުގައި ތިއްބަވައި އިދިކޮޅު ސިޔާސީ ބޭފުޅުންނަށް އެކިއެކި ތުހުމަތުތައްކޮށް، ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ފެށުމުން އަނިޔާވެރިކަމުގެ ސިލްސިލާ މަލަމަތިން ފެންނަން ފެށީއޭ ބުނެވިދާނެނޫންތޯއެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެކަމުގައިވާނަމަ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވި ފަދައިން ޖަލުގައި އައު ސަރުކާރެއް ހިންގޭހާ ބޭފުޅުން ތިއްބަވަން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް