ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 08:27
މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ކޯޗު ބުނެދެނީ
މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ކޯޗު ބުނެދެނީ
ގޫގުލް
އެރިކް ޓެން ހާގް
ޓެން ހާގަށް އަދަބެއް، މުސާރައިގެ 20 ޕަސެންޓް އުނިކޮށްލަނީ؟
 
ޓެން ހާގަށް މިހާރު މުސާރައިގެ ގޮތުގައި ލިބެނީ 9 މިލިއަން ޕައުންޑް

މެންޗެސްޓާ ޔުނައިޓެޑުން އެކުލަބުގެ ކޯޗު އެރިކް ޓެން ހާގް އަންނަ ސީޒަނުގައި ކުލަބުގައި ހުންނަ ކަމަށްވާނަމަ އޭނާގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ޔުނައިޓެޑްގެ އައު ވެރިޔާ ޖިމް ރަޓްކްލިފޭ މި ގޮތަށް ނިންމަން ބޭނުންވީ ޓެން ހާގަށް އަދަބެއް އަދި ފިލާވަޅެއްގެ ގޮތުގަ އެވެ. އެއީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން އެކުލަބަށް ޖާގަ ނުލިބޭނެކަން ގާތްގަނޑަކަށް ކަށަވެރުވެފައިވާތީ އެވެ. ނަމަވެސް މި ސީޒަނުގައި އަދި ބާކީ 18 ޕޮއިންޓް ހޯދެން އޮތުމުން މިވަގުތަށް އަދި ނިންމުން ރަސްމީކޮށް އާއްމުނުކުރާނެ ކަމަށްވެ އެވެ.

2022 ވަނަ އަހަރުގެ ނެދަލޭންޑްސްގެ އަޔެކްސްއިން ޔުނައިޓެޑާ ގުޅުނުއިރު ވެސް އެ ކުލަބު އޮތީ ޗެމްޕިއަންސް ލީގަށް ނުހޮވި އެވެ. އެކަމަކު ޓެން ހާގުގެ ފުރަތަމަ ސީޒަނުގައި ނަތީޖާ ރަނގަޅުކޮށް މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުނު ނަމަވެސް ގްރޫޕް ސްޓޭޖުން ވަނީ ކަޓާފަ އެވެ. އަދި އިނގިރޭސި ޕްރެމިއާ ލީގުގެ ތާވަލުގައި ވެސް ޔުނައިޓެޑް ވަނީ ފުރަތަމަ 10ގެ މެދުތެރެއަށް ވެއްޓިފަ އެވެ. ނަމަވެސް ޓެން ހާގުގެ ޓީމު ވަނީ މިދިޔަ ސީޒަނުގައި ވެސް ކުޅުނު އެފްއޭކަޕްގެ ފައިނަލަށް ހޮވިފަ އެވެ.

އުމުރުން 54 އަހަރުގެ ޓެން ހާގަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ އަހަރަކު 9 މިލިއަން ޕައުންޑެވެ. އެކަމަކު 20 ޕަސެންޓް އުނިކޮށްފިނަމަ އޭނާ އަށް ދެން ލިބޭނީ އަހަރަކު 6.75 މިލިއަން ޕައުންޑެވެ.

ޔުނައިޓެޑުގެ ވެރިން ޓެން ހާގާ މެދު އެހާ ހިތްހަމަނުޖެހޭ ކަމަށްވެ އެވެ. މިހެންވެ ކުލަބުން ދަނީ ސްޕޯޓިން ޑިޕާޓްމަންޓް ވެސް ބަދަލުކޮށް، އައު ކޯޗަކު ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ނުކުޅެވޭތީވެ މޮޅު ކޯޗުން ޓީމާ ހަވާލުވާން އުޒުރުވެރިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މީގެ ތެރޭގައި އިނގިރޭސި ގައުމީ ކޯޗު ގެރެތް ސައުތުގޭޓާއި ސްޕޯޓިން ލިޒްބަންގެ ކޯޗު އަމޮރިމް އަދި ބްރައިޓަންގެ ރޮބާޓޯ ޑި ޒާބީ ފަދަ ކޯޗުން ހިމެނެ އެވެ. މީގެ އިތުރުން ޔުނައިޓެޑްގެ ސީނިއާ ގިނަ ކުޅުންތެރިން ޓެން ހާގަށް ތާއީދު ކުރުމަކީ ވެސް އޭނާ ކޯޗުކަމުން ދުރުކުރަން މެނޭޖްމަންޓަށް ފަސޭހަނުވެގެން އުޅޭ ސަބަބެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް