ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 09:52
ލިވަޕޫލްގެ ކެޕްޓަން ވެންޑައިކް ބޮލުގައި އަތް އަޅައިގެން
ލިވަޕޫލްގެ ކެޕްޓަން ވެންޑައިކް ބޮލުގައި އަތް އަޅައިގެން
ޑެއިލީ މެއިލް
ލިވަޕޫލް
ވެންޑައިކް: މި ކުޅެނީ ތަށި ހޯދަންތަ؟ ކުޅުންތެރިން އަމިއްލަ ނަފްސާ ކުރަންވީ މި ސުވާލު
 
އެވަޓަން އަތުން ބަލިވެ، ލިވަޕޫލަށް ތަށި ހޯދަން ދަތިވެއްޖެ

އެވަޓަން އަތުން 2-0އިން ލިވަޕޫލް ބަލިވެ، އިނގިރޭސި ޕްރެމިއާ ލީގު ހޯދަން ދަތިވުމުން ކެޕްޓަން ވާޖިލް ވެންޑައިކް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

މެޗަށް ފަހު އޭނާ ބުނީ ވަރަށް ގިނަ ގޮތްގޮތުން ޓީމުގެ ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ލިވަޕޫލްގެ ކޮންމެ ކުޅުންތެރިއަކު އަމިއްލަ ނަފްސަށް ތިމަންނަމެން މި ކުޅެނީ ތަށި ހޯދަންތޯ ސުވާލު ކުރަންޖެހޭ ކަމަށެވެ.

އަހަރުމެންގެ ކޮންމެ ކުޅުންތެރިއަކު ލޯގަނޑު ކުރިމައްޗަށް އަރައި ސުވާލުކުރަންޖެހޭ ހަގީގަތުގައި ވެސް ތިމަންނަމެން ތަށި ހޯދަން ކުޅޭ ބަޔަކު ކުޅެންވާ ވަރަށް ކުޅެފިންތޯ؟ ކުޅެކުޅެފައި ނަތީޖާ ނުނެރެވި، ގޯސް ފްރީކިކެއް ދޭން ރެފްރީ އަށް ފުރުސަތުދީފައި މެޗު ނިންމާލީމަ ފުދުނީއެއްނޫން
ވެންޑައިކް

ލީގުގައި ލިވަޕޫލަށް ބާކީ އޮތީ ހަތަރު މެޗެވެ. މިވަގުތު އެޓީމު އޮތީ އެއްވަނާގައިވާ އާސެނަލްއަށްވުރެ ތިން ޕޮއިންޓް ފަހަތުން ތިން ވަނާގަ އެވެ. އަދި ދެވަނާގައިވާ މެންޗެސްޓާ ސިޓީ ނުކުޅެ ދެ މެޗު އޮތުމުން އެ ޓީމު އެ ދެ މެޗުން މޮޅުވެއްޖެނަމަ ސިޓީ އަށް އެއްވަނަ ލިބި ލިވަޕޫލަށް އަރައިގަތުމަށް ހުރިހާ ގޮތަކުން ވެސް ދަތިވާނެ އެވެ. މި ނަތީޖާ މިގޮތަށް ނުކުމެފައިވާއިރު ލިވަޕޫލަކީ ފަހު 10 މެޗަށް އެޅުނުއިރު ވެސް ޓޭބަލުގެ އެއްވަނަ ޓީމެވެ. ނަމަވެސް އެ ހިސާބުން ފޯމު ގެއްލި ލިވަޕޫލަށް ވަނީ ޔޫރޮޕާ ލީގުން ވެސް އަލްވަދާއު ކިޔަން ޖެހިފަ އެވެ. މީގެ އިތުރުން އިނގިރޭސި އެފްއޭކަޕުން ވެސް ވަނީ ކަޓައިފަ އެވެ. މިހެންވެ ކޯޗު ޔާގެން ކްލޮޕް ނުވަ އަހަރަށް ފަހު ޓީމާ އަލްވަދާއު ކިޔާއިރު ލިވަޕޫލަށް މި ސީޒަނުގައި ދެއްކެން އޮންނާނެ ހަމައެކަނި ތައްޓަކީ ޖެނުއަރީ މަހު ހޯދި ކަރަބޯ ކަޕް އެކަންޏެވެ.

ވެންޑައިކް ބުނީ މި ފަހަކަށް އައިސް ކުޅުންތެރިން ވަރުދެރަވެ، ޖޯޝެއްނެތި ކުޅޭ ސަބަބު އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ. އަދި ގިނަ މެޗުތަކުގައި މެޗު ފަށަނީ ބައިކޮޅަށް ގޯލެއް ވަދެގެން ކަމަށާއި ގޯލް ޖެހުމަކީ ލިވަޕޫލަށް ދަތިކަމަކަށްވީ ވެސް ފަހު 10 މެޗުގެ ތެރޭގައި ކަމަށެވެ. އަދި މިވީ ގޮތެއް ކޮންމެ ކުޅުންތެރިއަކު ވެސް އަމިއްލައަށް ސުވާލުކޮށް ޖަވާބު ހޯދަންޖެހޭ ކަމަށެވެ.

ރެލިގޭޝަން ޒޯނުގައި އުޅޭ ޓީމުތައް އަތުން ބަލިވުމަކީ އާދައިގެ ކަމެއްނޫން. މިއީ އެފަދަ އެންމެ މެޗެއްނޫން. މިދިޔަ ދެ ހަފުތާގެ ތެރޭގައި އެފަދަ ދެ މެޗެއް ހިނގައްޖެ. ޔޫރޮޕާ ލީގުން ވެސް ބަލިވީ ގަބޫލުނުކުރެވޭ ފަދަ ގޮތަކަށް
ވެންޑައިކް

ކްލޮޕަށް ފަހު ލިވަޕޫލްގެ ސީނިއާ ބައެއް ކުޅުންތެރިން ކުލަބު ދޫކޮށްފާނެ ކަމަށް ބެލެވެ އެވެ. މީގެ ތެރޭގައި ވެންޑައިޑް ވެސް ހިމެނެ އެވެ. ނަމަވެސް ކުރިމަގާމެދު އޭނާ ސީދާ ޖަވާބެއް ނުދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް