ވާހަކަ
ސިލްސިލާ ވާހަކަ
26 އޭޕްރިލް 2024 | ހުކުރު 15:51
25 ވަނަ ބައި

(24 ވަނަ ބަޔާ ގުޅޭ)

ބައެއްފަހަރު އަތުކުރީ ގަޑިއަށް، ބައެއްފަހަރު ކޮޓަރި ދޮރާޢި ދިމާއަށް ބަލަބަލާ އަހަރެން ވަގުތުތައް ގުނަމުން ގެންދިޔައީމެވެ. އިންތިޒާރު ކުރަމުން ގެންދެވެނީ އަހަރެންގެ އަނބިމީހާއަށެވެ. ހިތަށްއަރައެވެ. ނިހާވެސް އިންނާނީ ނުކައެވެ. ގެއަށް އައިސް އަހަރެންނާއި އެކު ކާން ބޭނުންވެފައެވެ.

އިންތިޒާރެއް ކުރެވޭތީވެސް ކަންނޭނގެއެވެ. ވަގުތުތައް މާބޮޑަށްވެސް ދިގުވެއްޖެއެވެ. ބަނޑުހައިކަން އިޙްސާސް ކުރެވުނީ އަނެއްކާވެސް ގަޑިއަށް ބަލައިލުމުންނެވެ. ގަޑިން ހަވީރު ފަހެއްވެސް ޖަހައިފިއެވެ. އޭރު ހިސާބަކަށް ރުޅި އާދެވެންވެސް ފަށައިފިއެވެ. ހީވަނީ މާބޮޑަށް ބަނޑުހައިވީހެންނެވެ. އެކަމަކު މިފަހަރު އައި ރުޅިއަކާއި ބަނޑަކާއި އެއްވެސް ގުޅުމެއް ނެތެވެ. މައްސަލައަކީ މުޅިން އެހެން މައްސަލައެކެވެ. ނިހާ އޮފީހުގައި އެހާ ލަސްވަނީ ކީއްވެހެއްޔެވެ؟ ވެގެން އުޅޭ ގޮތެއް ފޯނު ކޮށްލާފައި ނުބުނެވެނީ ކީއްވެ ހެއްޔެވެ؟ އަހަރެން ކައިފިތޯ ނުވަތަ ނޫންތޯވެސް ބަލާނުލީ ކީއްވެގެންހެއްޔެވެ؟.

ސުވާލުތަކުން ސިކުނޑި ހާސްކުރުވަނީއެވެ. އާދައިގެ މަތިންނެވެ. މިއީ ގިނަ ދުވަސް ދުވަހު ހިތާހިތާ ކުރެވޭ ސުވާލުތަކެވެ. މައްސަލައަކީ ޖަވާބެއް ނުހޯދޭ ކަމެވެ. ނުވަތަ ޖަވާބެއް ހޯދަން ނޭނގޭކަމެވެ. ނިހާގެ ފަރާތުން ލިބެނީ އެއް ޖަވާބެކެވެ. މަސައްކަތްތައް ނުނިމޭތީ ލަސްވަނީކަމުގައެވެ. ބައެއްފަހަރު "ބިޒީ" އެހާވަރުންވެސް ފުއްދާލައެވެ.

ވިސްނަ ވިސްނާފައި ދެން ކުރެވުނީވެސް އާކަމެއް ނޫނެވެ. ފޯނު ނަގާ އެ އޮފީހަށް ގުޅާލީމެވެ. ތަފާތެއް ނެތެވެ. މިއަދުވެސްވީ ހަމަ އެހެން ދުވަސް ދުވަހުވެސް ވާ ގޮތަށެވެ. ރިންގް ވޭވޭ ގޮސް ކެނޑެނީއެވެ. ޖަވާބެއް ނުލިބެއެވެ. ނިހާއާއި އެކަމާވެސް ސުވާލުކުރަމެވެ. ޖަވާބަކީ ހަމަ ނިހާ ކަހަލަ " ސާދާ " ޖަވާބެކެވެ. ރަސްމީ ބަންދުގަޑީގައި އޮފީހުން ފޯނެއް ނުނަގާނެއެވެ.

ވިސްނާ ވިސްނާވެސް އަހަރެންނަށް ނުވިސްނެނީ ކީއްވެގެންހެއްޔެވެ. މި އުދާސްތައް ފިލުވާލަން ދަސްނުވީ ކީއްވެގެންހެއްޔެވެ.

ހަމަ އެހެން ދުވަސްތައް ކަހަލަ ދުވަހެކެވެ. ތަފާތުވި ކަމަކީ ފޯނު ނަގާ ތަންކޮޅެއް ބާރަށް ބޭވުނުލެކަމެވެ.

ދޮރު ތަޅުލުމަށްފަހު އަހަރެން ގެއިން ނިކުމެއްޖައީމެވެ. ދެން މަޑުމަޑުން ލޮނުޒިޔާރަތް ކޮޅާއި ދިމާއަށް ހިނގަން ފަށައިފީމެވެ. ވަގުތަކީ އިރުއޮއްސެމުން ދިޔަ ވަގުތުކަމުން މަގުމަތީގައި ހަލަބޮލިކަންވެސް މާ ބޮޑުހެން ހީވެއެވެ. ބޮޑެތި މަގުތަކާއި ހަނި ގޯޅިތަކުން އަހަރެން ހިނގަމުން ގެންދިޔައީމެވެ. މާބޮޑު ފިކުރެއްނެތިއެވެ. މިނިވަންކަމާއި ހިމޭންކަމާއި އެކުގައެވެ. އެހިމޭން ކަމުގަތެރެއިން އަހަރެންނަކަށް އިތުރު އަޑުތަކެއް ނީވެއެވެ. އެ މިނިވަންކަމުގެ ތެރެއިން އަހަރެންނަކަށް އެހެން މީހުންގެ ޙަރަކާތްތަކެއް ނުފެނެއެވެ. ތެދުތެދަށް ބުނާނަމަ އަހަރެން އެއްކަމަކާވެސް ވިސްނާކަށް ބޭނުމެއް ނުވެއެވެ.

އަހަރެން ދާން ބޭނުންވި ހިސާބަށް ދެވުމާއިއެކު ތަންކޮޅެއް މީހުންމަދު ހިސާބެއްގައި، ތޮޑިގަނޑުމަތީގައި އިށީނދެލައިފީމެވެ. އެދިމާލުން މުގުރަމުންދާ ރާޅުތަކާއި ދިމާއަށް ކުރިމަތިލައިގެންނެވެ. އޭރު ދުނިޔެމައްޗަށް އަނދިރިކަން ވެރިވެއްޖެއެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިތަކުގެ ސަބަބުން ހަށިގަނޑަށް އަރާމެއް އިޙްސާސް ވާކަހަލައެވެ. އެކަމަކު އެހުރިހާކަމެއް ލިބިގަންނަން، ޤަބޫލުކުރަން ހިތުގައި ކުޑި ރާޅު މުގުރަނީއެވެ. ކުރެވެނީ އެއް ޙިޔާލެކެވެ. ފެންނަނީ އެއް މަންޒަރެކެވެ. ނިހާގެ އޮފީހުން ހެނދުނު ފެނުނު ކަނަތައްތަކެވެ. އެކަމަކު ހިތަށް އެޚިޔާލުތައް ވެރިވާ ކޮންމެ ފަހަރަކު ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފެދެއެވެ. ހކުށް ހީއަކަށް ވެދާނެކަމުގެ ބިރެވެ. ގޯސް ޝައްކެއް ކުރެވި އިތުބާރު ގެއްލިދާނެކަމުގެ ބިރެވެ. އާއިލާ ރޫޅި ޒައިން ނިކަމެތި ވެދާނެކަމުގެ ބިރެވެ. އެކަމަކު އަހަރެންގެ ހިތް އެމަންޒަރުތަކާއި، ނިހާއަށް އަންނަމުންދާ ބަދަލުތައް ޤަބޫލުކުރަން މަޖުބޫރު ކުރުވަނީއެވެ.

ކޮންމެ ކަމެއްގައިވެސް މަޤްސަދެއް އޮންނާނެއެވެ. އުންމީދުތަކަކަށް ވާސިލްވާން ކުރެވޭ ދަތުރެކެވެ.އެ ދަތުރުގެ މަންޒިލަކީ އުފާވެރިކަމެވެ. ލޯތްބާއި އަޅާލުމެވެ. އޯގާތެރިކަމާއި ވަފާތެރިކަންވެސްމެއެވެ. ރާޅުތައް ފަދައިންނެވެ. ހަލަބޮލި ކަމާއިއެކު އެރާޅުތައް މަސައްކަތްކުރަނީ އޭގެ މަންޒިލާއި ހަމައަށް ވާސިލްވުމަށެވެ. އެއީ ގޮނޑުދޮށެވެ. އައްސޭރިފަށެވެ. ރާޅުތައް އޭގެ މަންޒިލާއި ހަމައަށް ވާސިލްވާނީވެސް މަޤްސަދެއްގައެވެ. އޭގެ މަޤްސަދަކީ ރީތި ދޮންވެލިގަނޑުގައި ބީހިލުމެވެ. އޯގާތެރިކަމާއިއެކު ފިރުމައިލުމެވެ. އޯގާތެރިކަމުން އެ ގޮނޑުދޮށުގެ އުނގު ފުރާލަދިނުމެވެ. ލޯބިވެރިން އެކަކު އަނެކެއްގެ ހިތް ލޯބިން ފުރާލަދޭ ފަދައިންނެވެ.

ވިސްނާ ވިސްނާ އަހަރެން ވަރުބަލިވެއްޖެއެވެ. އެތައް ހިސާބަކަށް ފެތުމަށްފަހުވެސް އެއްވެސް މަންޒިލަކާއި ހަމައަށް ވާސިލްނުވެވި ރާޅުތަކުގެ ތެރޭގައި ގެނބެމުންދާ ކަމުގެ އިޙްސާސެއް ކުރެވެން ފަށައިފިއެވެ.

އެއީ އޭލެވެލް އިމްތިހާނު ނިންމުމުނ އެފަހަރުގެ ބެޗްގައި ހިމެނުނު ހުރިހާ ކުދިންވެގެން ބޭއްވި ޕާޓީއެކެވެ. ބޭނުމަކީ ވަޒީފާތަކަކާއި މަތީ ތަޢުލީމު ހޯދުމަށާއި ބޭރު ގައުމުތަކުންނާއި އަދި އެނޫނަސް އެހެން ދިމަދިމާއަށް އެންމެން ގޮސް އެތައް ދުވަސްތަކެއް ވަންދެން އެއްބަޔަކު އަނެއް ބަޔަކާއި ވަކިން އުޅެން ޖެހުމުގެ ކުރިން އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކޮށްލުމެވެ. ވަރުގަދަ ހަނދާންތަކަކާއި އެކު ވަކިވެގެން ދިޔުމެވެ. ހަނދާނަކީ އެންމެ ބޮޑު ހަދިޔާއެވެ. އެންމެ ވަރުގަދަ ގުޅުންވެސްމެއެވެ.

އަޑުގަދަކޮށް ޖަހާފައި ހުރި އަވަސް ބީޓެއްގެ އިނގިރޭސި ލަވައެއް ސަބަބުން މުޅި މާޙައުލުވަނީ ގުގުމާލާފައެވެ. ލަވައިގެ އަވަސް ބީޓާއި އެއްވަރަށް ފައިހަމަކޮށް ނެށުމާއި ހުނުމާއި މަޖާ ވާހަކަތަކުން ތަނުގެ ހަލަބޮލިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އެ ހިތްގައިމު މާޙައުލުގައި ހުރެވޭއިރު ހީވަނީ ނާރުތަކުގައި ހިނގާ ލޭވެސް އިވެމުންދާ ލަވައިގެ އަވަސް ބީޓާއި އެއްވަރަށް އަވަސްވަމުން ދާހެންނެވެ. އެއަށްވުރެ ބޮޑަށް އިޙްސާސްކުރެވެމުން ދިޔައީ ޒުވާންކަމުގެ ތާޒާ ޚިޔާލުތަކެވެ. ތަޢުލީމީ ޙަޔާތަށްފަހު މާދަމާ ދިރިއުޅުމުގެ މައިދާނަށް ނުކުންނައިރު ކުރެވެމުން ދިޔައީ ތަފާތު އިޙްސާސްތަކެކެވެ.

"ޒިޔާމް! ބަލަ އެއޮއް ކަމެއް!"

ސޭންޑްވިޗެއް ކަމުންކަމުން އެއްއަތުން ޖޫސްތައްޓެއް ހިފައިގެން އައިސް ސައީދު އަހަރެންގެ ކައިރިއަށް ހުއްޓި އަހަރެންނަށް ގޮވާލުމަށްފަހު ތަންކޮޅެއް ދުރުގައި ތިބި އަންހެން ކުދިންތަކަކާއި ދިމާއަށް އިޝާރާތްކޮށްލިއެވެ. އޭރު ސައީދު ހުރީ ނުބައި ފާޑަކަށް ހިނިވެސް އައިސްފައެވެ.

"ކާކުތަ؟"

އަނގަޔަށް ލައިގެން ހަފަމުން ދިޔަ ގުޅައިގެ ސަބަބުން އަހަންނަށް ވާހަކަދެއްކުނީ ވެސް ފާޑަކަށެވެ.

"ހަމަނޭނގިގެންތަ. ތިއަހަނީ ނިހާއެއްނު"

ސައީދު އަހަންނަށް ސާފުކޮށްދިނެވެ. ރަނގަޅަށް ވިސްނާލެވުނީ ދެނެވެ. އޭރު އެކުދިންތަކުގެ ތެރެއިން ނިހާ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"އެހެން ހަދާކަށް ނުވާނެއްނު. އަމީނިއްޔާ އިންސުރެ އެމަންޖެ ކަލޭ ފަހަތުން އެއުޅެނީ"

ތަށީގައި ހުރި ޖޫސްފޮދު އެއްފަހަރާއި ބޮއެ ހުސްކޮށްލުމަށްފަހު މަލާމާތުގެ ރާގަށް އެއްޗެކޭ ބުނެލުމަށްފަހު ކައިރީގައި ހުރި މޭޒެއްގެ މަތީގައި ތަށި ބަހައްޓައިފިއެވެ.

"ލެޓް އިޓް ބީ"

ވަރަށް ހަމަޖެހިލުމަށްފަހު ސައީދު ތަންކޮޅެއް ދުރަށް ޖެހިލީ އެވާހަކަތަކުން ސަލާމަތް ވެވޭތޯއެވެ.

"ލެޓް އިޓް ބީ ތޯ ބަލާލާނަމޭ!"

ސައީދު އެހެންބުނީ ކޮން މަޤްސަދެއްގައި ކަމެއް އެންމެ ފުރަތަމަ އަހަރެންނަކަށް ނުވިސްނުނެވެ. އެކަމަކު މިވާން އުޅެނީ ކިހިނެއްކަންކަމާއި މެދު ވިސްނާލަންޖެހުނީ ސައީދު ނިހާއާއި ދިމާއަށް ހިނގައި ގަތުމުންނެވެ.

ސައީދު ބާރަށް ހިނގާފައިގޮސް ނިހާ ކައިރިއަށް ހުއްޓިއްޖެއެވެ.

"ހަލޯ ނިހާ!"

ސައީދު ވާހަކަދެއްކީ އެހެން މީހުންނަށް ނީވޭވަރަށް މަޑުމަޑުންނެވެ.

"ހައި"

ޖަވާބުގައި ނިހާ ހިނިތުންވެލިއެވެ.

"އެހުރީނު ޒިޔާމް! ފެނޭތަ؟"

ސައީދު އަނެއްފަރާތަށް އެނބުރިލުމަށްފަހު ތަންކޮޅެއް ދުރުގައި ހުރޮ ޒިޔާމްއާއި ދިމާއަށް ބަލައިލިއެވެ.

"އާނ ފެނެޔޭ. ކިހިނެއްވީ؟"

"ނުބުންޏަސް އެނގޭ ފެންނާނެކަން. ޒިޔާމް ބުނީ ނިހާ ބޭނުމިއްޔާ ނިހާޔާއެކު ނަށަން ބޭނުމޯ. ކެރޭނެތަ؟ މިކަހަލަ ޗާންސެއް ލިބޭނީ"

"ކީއްވެ އެއްޗެކޭ ނުބުނީ"

ނިހާ ވަކި ޖަވާބެއް ނުދީ ހުންނަންފެށުމުން ސައީދު އަނެއްކާވެސް ސުވާލު ކޮށްލިއެވެ.

އެކަމު މިފަހަރު ސައީދުގެ ސުވާލު ހަމަ ނިމުމާއެކު ނިހާ ޒިޔާމްއާއި ދިމާއަށް ހިނގައިގަނެފިއެވެ. 

"ފަހަރުގައި ގަދަކުރަންވެސް ނޫނެކޭ ބުނެފާނެ. އެކަމަކު އަޅާނުލާތި!"

ނިހާ ހިނގައިގަތުމުން ސައީދޔ ގާތަށް ވަރަށް ހިނިއަތުވެއްޖެއެވެ. ހީވަނީ އޭނާގެ މިޝަން ކާމިޔާބު ކުރެވުމުން އުފާވީހެންނެވެ.

އޭރުވެސް އަހަރެން ހުރީ އެދިމާއަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އަހަންނަށް ފެނުނީ ނިހާ އަހަންނާއި ދިމާއަށް އަންނަތަނެވެ. އެންމެ ފުރަތަމަ ހީކުރީ ސައީދު އަހަރެން ބުންޏޭ ކިޔައިގެން ނިހާ ރުޅި އަންނަ ކަހަލަ އެއްޗެއް ބުނުމުން ރުޅި އައިސްގެން ނިހާ އަންނަނީ ކަމަށެވެ. އެކަމަކު ނިހާގެ މޫނުމަތިން ފެންނަންހުރި އުފާވެރިކަމާއި ދެތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފެނުމުން އަހަންނަށް ހީކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނިއްޖެއެވެ. ދެން އަހަންނަށް ބަލައިލެވުނީ ސައީދުއާއި ދިމާއަށްށެވެ. އޭރު ދުރުގައި ހުރެގެބް ބިނދި ބިނދިފައި އޭނާ ހެނީއެވެ. 

"މޭއައި ޑާންސް ވިތް ޔޫ؟"

ވަރަށް ރީތި ހިނގާލުމެއްގައި އައިސް ނިހާ އަހަރެންގެ ހަމަ ވަރަށް ގާތަށް ހުއްޓި އަހަރެންގެ ދެއަތުގައި މަޑުމަޑުން ހިފާލައިފިއެވެ. ނިހާގެ އެޖުމްލަ އާއި ނިހާގެ އެޙަރަކާތް ވީ އަހަންނަށް ކުއްލި ޝޮކެއް ގެނުވި ކަމަކަށެވެ. ޙައިރާންވީ ވަރުންގޮސް އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހީވެސް ނުކުރާ ކަހަލަ ކަމެއް ދިމާވުމުން ވާކަހަލަ ގޮތެއްވެފައި ނިހާ އާއި ހަތަރު ކަޅި ހަމަކޮށްލައިގެން ހުރެވުނީއެވެ.

"މޭއައި ޑާންސް ވިތް ޔޫ؟" 

ހޭވެރިކަންވީ ނިހާގެ ސުވާލު ތަކުރާރު ކޮށްލުމުންނެވެ. 

އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޯހަލުވާލުން ނޫންކަމެއް ނުކުރެވުނެވެ. އިންކާރު ކުރަން ބޭނުންވި ނަމަވެސް އެކަމެއްވެސް ނުކުރެވުނެވެ.

ނިހާ އަހަރެންގެ އަތުގައި ހިފައިގެންގޮސް އެހެންކުދިންވެސް ނަށަމުން ގެންދިޔަ ތަނުގެ ތެރެއަށްވަދެ އަހަރެންގެ އަތުގައި ހިފައިގެން ނަށަން ފަށައިފިއެވެ. އޭގެ މިއުޒިކްވެސް ހުރީ މިކަހަލަ ނެށުމަކާއި އެކަށީގެންވާ ކަހަލަގޮތަކަށް ބަދަލުވެފައެވެ. 

"އަބަދު އަހަންނާ ދުރަށްދާން މަސައްކަތް ކުރަނީ ކީއްވެ؟" 

ނިހާގެ މޫނުހުރީ އަހަރެންގެ މޫނާ ވަރަށް ކައިރީގައެވެ. އޭރު ނިހާގެ ހަށިގަނޑުން ދުވަމުންދިޔަ މަޑުމަޑު މީރުވަސް އަހަރެންގެ ނޭފަތުގައި ހަމަ ރަނގަޅަށްވެސް ހިފާލައިފިއެވެ. އެމީރުވަހުގެ ސަބަބުން އަހަރެންގެ މޭފުރޭ ކަހަލަ އިޙްސާސްތަކެއް ކުރެވެން ފަށައިފިއެވެ. އެއަށްވުރެ ބޮޑަށް ނިހާއާއި ގާތަށް ޖެހިލުމަށް ހިތްއެދެން ފަށައިފިއެވެ. 

"ކީއްވެ އަހަރެން ފަހަތުން އަބަދު އުޅެނީ؟" 

ނިހާއާއި އިތުރަށް ގާތަށް ޖެހިލުމަށް އަހަރެން މަޑުމަޑުން ސުވާލުކޮށްލީމެވެ. 

"ލޯބިވަނީ" 

ނިހާގެ ރީތި އަޑު މަޑުމަޑުން އަހަރެންގެ ކަންފަތިގައި ޖެހޭ ކޮންމެ ފަހަރަކު އަހަރެންގެ މުޅި ހަށިގަނޑު ފިނިވަމުންދާ ކަމުގެ އިހްސާސްތައް އަހަރެންނަށް ކުރެވެމުން ދިޔައެވެ. އެއްވެސް ފޮރުވުމެއްނެތި ސާފުކޮށް ނިހާގެ ހިތުގެ އެދުން ހާމަކުރީ އެނޫންގޮތެއް ނެތުނީމަ ކަންނޭނގެއެވެ. 

"އެކަކަށް އެކަނި ލޯބި ވެވިދާނެތަ؟" 

އަހަރެން ހިނިތުންވެލީމެވެ. 

"ވެވިދާނެ. ތަފާތަކީ ބަދަލުގަ ލޯބި ނުލިބޭކަން!" 

ނިހާގެ ޙަރަކަތްތައް ބަދަލު ކޮށްލުމަށްފަހު އަހަރެންގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އަހަރެންވެސް ދެއަތް ތިރި ކޮށްލުމަށްފަހު ނިހާގެ އުނަގަނޑުގައި ދެފަރާތުން މަޑުމަޑުން ހިފަހައްޓާލީމެވެ.

އޭރު ދެމީހުންނަށް ތިބެވުނީ ވަރަށް ގާތުގައެވެ. އެކަކު އަނެކެއްގެ ނޭވާތަކުގެ ހޫނުކަން އިޙްސާސް ވާހާވެސް ގާތުގައެވެ. 

"އަހަރެންގެ ފަރާތުން ނިހާ ބޭނުމީ ކޮން އެއްޗެއް؟" 

އަހަރެން އެހެން އެހީ ނިހާ ބޭނުންވަނީ ކޯއްޗެއްކަން ނޭންގިގެނެއް ނޫނެވެ. 

"ލޯބި" 

ނިހާ ލޯމަރާލިއެވެ. 

"ލިބޭނެ" 

ގާތްވަމުންގޮސް ދެމީހުންގެ މޫނުގެ ބީހުން އެކަކު އަނެކަކަށް އިޙްސާސް ކުރެވޭހާވެސް ކައިރިވެސް ވެއްޖެއެވެ.

(ނުނިމޭ)